ހުރިހާ މަޢުލޫމާތު

ފަތްކެޔޮ އިންދާ ހެއްދުން

9 Sept 2026

ރާއްޖޭގެ މާހައުލަކީ ފަތްކެޔޮ ހެއްދުމަށް އެކަށީގެންވާ ފިނި ހޫނުމިނެއް މުޅި އަހަރު ތެރޭވެސް ލިބޭ ބާވަތެކެވެ. މިއީ އުމުރު ދިގު ބާވަތެއް ކަމަށްވުމުން، ކަޅުފަސް ބޯ ރަނގަޅު ބިމެއް ހިޔާރު ކުރުމަކީ މުހިންމު ކަމެކެވެ. ދުވާލު ގަޑީގެ އަވި، ރަނގަޅަށް ލިބޭ ސަރަހައްދެއްގައި ގަސްތައް އިންދުމަކީ މުހިންމުކަމެކެވެ. އެގޮތުން މަދުވެގެން 6 ގަޑިއިރުގެ އަވި ލިބުމަކީ މުހިންމުކަމެކެވެ.

ބިން ތައްޔާރު ކުރުން

އާންމު އުސޫލަކުން ފަތްކެޔޮ ހައްދާއިރު ބިން ހިޔާރު ކުރަނީ ފެން ތިލަ ހިސާބުތައް ބަލައިގެންނެވެ. އެހެންނަމަވެސް ފެން ފުން ސަރަހައްދު ތަކުގައިވެސް ރަނގަޅަށް ފެން ދީގެން ފަތްކެޔޮ ހެއްދިދާނެއެވެ. މުހިންމު ކަމަކީ ބިން ހިޔާރު ކުރުމުގައި ކަޅުފަސް ރަނގަޅު މިންވަރަކަށް އެކުލެވޭ ބިމެއް ހިޔާރު ކުރުމެވެ. އަދި ކަޅުފަހުގެ ފަށަލަ ތުނި ނަމަ، ވަޅަކަށް 6-8 ކިލޯގެ ކާދު އެއްކޮށް، ފީވާ ޒާތުގެ ގުދުރަތީ ކާނާ ވަޅުގަނޑު ފުލަށް އެޅިދާނެއެވެ. ވަޅު ތައްޔާރު ކުރާނީ 4×4 ފޫޓު އަދި ފުން މިނުގައި 2 ފޫޓަށެވެ. މީގެ ބޭނުމަކީ އަޑީގައި ހުރި ދޮން ފަހާއި އޮށްގާ އަދި އަކިރި ނަގައި، ވަޅު ސާފުކޮށްލުމެވެ. ދެ ވަޅު ދޭތެރޭ 8 ފޫޓު އަދި ދެ ބަރި ދޭތެރޭ 10 ފޫޓު ބެހެއްޓިދާނެއެވެ. ދުރުމިން ބިނާވަނީ، ހައްދާ ވެރައިޓީ އަކަށެވެ. ޑްވޯފް ކެވެންޑިޝް ކަހަލަ ވެރައިޓީ އެއް ހައްދާ އިރު 8×8 ނުވަތަ 6×8 އަށްވެސް ދުރުމިން ބަހައްޓައި އުޅެއެވެ.

މުޑުވައް ހޯދުން

މުޑުވައް ނަގަން ރަނގަޅީ ރަނގަޅަށް ހެދިފައި ހުންނަ ކެޔޮ ފީންޏަކުންނެވެ. އަދި ބައެއް މުޑުވައްތައް ޓިޝޫ ކަލްޗަރ ކޮށްފައިވާ ގަސްވެސް ގެނެސްގެން އިންދައެވެ. މިއީ އެންމެ ކާމިޔާބު އަދި އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް ރާއްޖޭގައި ޓިޝޫ ކަލްޗަރ ގަސް ލިބެން ނުހުންނާތީ މުޑުވައް ނަގަނީ ކެޔޮ ފީންޏަކުންނެވެ.މުޑުވައް ނަގާއިރު، ތެދަށް ހެދިފައި ހުންނަ، ބުޑު ފަލަ ނިރު ނަގަން އިސްކަން ދޭންވާނެއެވެ. ދިގުމިނުގައި 3 ފޫޓު ހުންނަ ސައިޒުގެ ނިރު ނެގުން ރަނގަޅުވާނެއެވެ. ތައްޔާރު ކުރާ ވަޅުގައި އިންދާނީ 1 ނިރެވެ. ނިރު އިންދުމުގެ ކުރިން ޖަރާސީމު ބަލިތަކުން ރައްކާތެރިކުރުމަށް، ފަންގިސައިޑް ޓްރީޓްމަންޓެއް ދިނުން ރަނގަޅު ވާނެއެވެ.

މުޑުވައް ކުރުން

މުޑުވައް ހޯދުމަށްފަހު، ކުރީގެ މޫތައް ރީތިކޮށް ގަހުން ވަކިކޮށްލައި، ތައްޔާރު ކުރި ވަޅުގައި އިންދާނީއެވެ. އަދި އިންދާއިރު، ބޮޑެތި ފަތްތައް ކޮންމެވެސް ވަރަކަށް މަދުކޮށްލައި، ނުކުންނަން ފަށާފައި ހުރި ފަތްތައް ބަހައްޓައި، ކޮންމެވެސް ވަރެއްގެ ހިޔަލެއް ގަސްތަކަށް ދޭންވާނެއެވެ. ނިރު އިންދުމަށްފަހު ގަސްތަކަށް ރަނގަޅަށް ފެން ޖަހާލައި، ގަހުގެ ބުޑަށް ހިކިފަތާއި ހިކި ހުއި އަޅައި ފަސްގަނޑު ނިވާ ކޮށްލަން ވާނެއެވެ.

ބެލެހެއްޓުން

ރާއްޖޭގައި އާންމުކޮށް ހައްދާ ގިނަ ބާވަތްތައް 10 މަހާއި 12 މަސް ދުވަހާއި ދެމެދު ފޯދޭނެއެވެ، އެހެންކަމުން ގަވައިދުން ކޮންމެ މަހަކަ 2-4 ކިލޯގެ ކާދު ނުވަތަ އޯގަނިކް ކާނާއެއް ގަސްތަކަށް ދޭންވާނެއެވެ. އަދި ތައްޔާރި ހަމަހަމަ ކާނާ އެއް ގަސްތަކަށް ދިނުމުން ހެދިބޮޑުވުން އިތުރަށް ރަނގަޅު ވާނެއެވެ. ވަޅެއްގައި ގެންގުޅެން ރަނގަޅީ 3-4 ނިރެވެ. އޭރުން ކެޔޮ ކެނޑުމުގައި ހޭދަވާ ވަގުތު ކުރުވެގެން ދާނެއެވެ. އަދި ނިރު މާގިނަ ކޮށްފިނަމަ، ކެޔޮގަނޑު ފެންވަރު ދަށްވެ، ފީނި ނިކަމެތި ވާންފަށައެވެ. ގަހުގައި ހިކެމުންދާ ފަތްތައް ކަނޑައި، ގަހުގެ މައިގަނޑުން ހިކެމުންދާ ދާލިތައް ނޮލައި ސާފުކޮށް ބެހެލެއްޓުމުން ގަހުގެ ސިއްހަތު ރަނގަޅުވެ ހެދުން ރަނގަޅުވެގެން ދެއެވެ. ފަތްކޭލަކީ ނިސްބަތުން ބަލިތަކާއި ފަނިފަކުސާގެ މައްސަލަ މަދު ބާވަތެކެވެ، ނަމަވެސް އެފަދަ އަލާމާތެއް ފެންނަން ފަށައިފިނަމަ އަވަހަށް ފިޔަވަޅު އަޅަންވާނެވެ.

ބޯށި ކެނޑުން

ނިރު އިންދައިގެން 7-9 ވަނަ މަހާއި ދެމެދު ބޯށި ނިކުންނާނެއެވެ. އަދި ބޯށި ފޮޅެން ފަށައި، ކެޔޮވައްތައް ހުޅުވެން ފަށާނެއެވެ. ގަހަށް ލިބެމުންދާ ކާނާ، ފެން އަދި އަވީގެ ނިސްބަތަށް ބިނާކޮށް، ކެޔޮ އަރިތައް ހުޅުވި ނިމުމުން ބޯށި ކަނޑާލެވޭނެއެވެ. އަދި ބޯށި ކަނޑާލާއިރު އެންމެ ފަހުން ނިކުތް އަރީގެ 1 ވަށް ފިޔަވައި، އެހެން ހުރިހާ ކެޔޮވަކެއް ކަނޑާލުމަކީ ރަނގަޅު އާދައެކެވެ. އޭރުން މަތީގައި ހުރި އަރިތައް ބޮޑެތިވުމުގެ ފުރުސަތު އިތުރުވެގެން ދެއެވެ.

ކެޔޮގަނޑު ނިވާ ކޮށްލުން

ބޯށި ކެނޑުމަށްފަހު ކެޔޮގަނޑު ކަނޑާލުމަށް އިތުރު 2-3 މަސް ހޭދަވެއެވެ. އަދި މި މުއްދަތަކީ ވާލާއި ކާޅު އަދި އެހެނިހެން ދިރޭ ތަކެތީގެ ގެއްލުން ކެޔޮގަނޑަށް އެންމެ ބޮޑަށް ފޯރާ ދުވަސްވަރެވެ. އެހެންކަމުން އެންމެ ފައިދާހުރި ގޮތަކީ ކެޔޮގަނޑުގައި އެކަމަށް ހާއްސަކޮށްފައި ހުންނަ ކަވަރު އަޅުވައި ނިވާ ކޮށްލުމެވެ. ކަވަރު ތައްޔާރު ކޮށްފައި ހުންނާނީ ވައި ދައުރުވާނޭ ފަދަ ގޮތަކަށެވެ. ކަވަރު އެޅުވުމުން ވާލު ވަކިދަމައިގެން ލިބޭ ފަދަ ގެއްލުން ކުޑަކުރެވި، ކެޔޮގަނޑަށް ރަނގަޅު އަގު ހޯދަން ފަސޭހަވާނެއެވެ.

ކެޔޮނގަޑު ކަނޑައިލުން

ގިނަ ވެރައިޓީގެ ފަތްކޭލުން 10-12 މަސް ދުވަސް ތެރޭ ކެޔޮގަނޑު ކަނޑާލެވޭނެއެވެ. ކެޔޮގަނޑު ކަނޑާލުމަށްފަހު ގަސްވެސް ބުރިކޮށްލަންވާނެއެވެ. ގިނަ މީހުން ކެޔޮގަނޑު ކަނޑާލާނީ، ގަހުގެ ބުޑުން ބުރިކޮށްލައި ގަސް ވައްޓާލުމަށްފަހުގައެވެ. ކެޔޮގަނޑު ގަހުން ކަނޑާލާ އިރު ދަޅިގަނޑުގެ ދިގުމިން ބަހައްޓައި އުޅެނީ އެކި ވަރަށެވެ. އެގޮތުން ދުރަށް އުފުލަން ޖެހޭ ނަމަ، ދަޅިގަނޑު ދިގުކުރުމުން ކެޔޮގަނޑު ތާޒާ ކަންމަތީ ބަހައްޓަން ފަސޭހަވެއެވެ. އަދި ދަޅިގަނޑު މާ ބޮޑަށް ކުރުކޮށްފި ނަމަ، ކެޔޮ އަރިތަކުގެ އުމުރު ކުރުވެއެވެ. ކެޔޮ ކެނޑުމަށްފަހު އުފުލާ ގެންގުޅުމުގައި ގެއްލުން ނުވާނޭހެން ގެންގުޅެން އިސްކަން ދޭންވާނެއެވެ.

Source: dhanduveriya.gov.mv — https://dhanduveriya.gov.mv/knowledge-base/categories/meyvaa/faiykeyo/posts/faiykeyo-indhaa-hehdhun